ޙަމްދާއި ޝުކުރުހުރީ އެއްކައުވަންތަ މަތިވެރި ރަސްކަލާނގެއަށް. ޞަލަވާތާއި ސަލާމްގެ ދަސްތާތަކުން ވެދުންކުރަނީ މިއުންމަތުގެ މާތް ނަބިއްޔައަށް.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ދެންމެއާ ހަމައަށް ދެމިހުންނެވި ރައިސް މައުމުނުގެ (ދެކަނބަލުން)
ރައްޔިތުންގެ އިއްޒަތްތެރި މަޖިލީހުގެ ރައީސާއި އެމަޖިލީހުގެ މެންބަރުން. އަދި މެހުމަނުންގެ ގޮތުގައި ވަޑައިގެންތިއްބެވި ޢިއްޒަތްތެރިންނާއި ޙާޒިރީންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވެދުން ބަރުތީލަކުރަން.
މިއަދަކީ ޖުމްހޫރީ ދުވަސްކަމުގައި ވިޔަސް، މިއަދުގެ ފޭރާން ޖަރީވެ ޒީނަތްވެފައި މިވަނީ މުޅީން އާކުލަތަކަކުން. ވަގުތާ ޒަމާނާ ޙާލަތު ގެނައި އުންމީދުގައި މިވަނީ ކުލަޖެހެން ފަށައިފައި. ބަދަލުވަމުން ދިޔަ ރާއްޖެ މިވަނީ ރިޔާސީ ބަދަލެއްގެތެރެއަށް ލާމެހި ހިމުންވެފައި. މުސްތަޤްބަލުގައި ބީހިލުމަށް ކުރި އުންމީދުގެ ވަގުތު ކުޑަތަންވެއްޖެކަމުގެ އިޙްސާސް ހިނގަން ފަށައިފި. ދިވެހި ވިންދުގެ ހިލަން މިއަދު މިވަނީ ބަދަލުވެފައި. އެހެނަސް ހަނދުމަފުޅު ބަހައްޓަވާތި، މިއަދަކީ ހަމަ ޔަޤީނުންވެސް އިއްޔެގެ ބަނދުން ވިހޭ ދަރިއެއް.
މާޒީގެ ތަޖުރިބާއާ، ތާރީޚު ލިބިދިން ދަރުސްތަކުން ޢިބްރަތްލިބިގެން މެނުވީ، ބާއްޖަވެރި މަންޒިލެއް ނުހޯދޭނެ. ޙަސަދައާ، ނަފުރަތާ، ބަދު ބަސްތަކުގެ ބުރަހެލިކަމުގެ މެދުން، ނޫރާނީ މަލެއް ނުފޮޅޭނެ. އެޒާރަކު ބުލްބުލްތަކާއި ކޮކާތަކެއް ނުމެ އުދުހޭނެ. ޝައްކެއްނެތް، މިއީ ކާމިޔާބީގެ ވަގުތު. ޞުލްޙަވެރިކަމާއި އަމާންކަމާއި މަސަލަސްކަމުގެތެރެއިން ޤައުމެއްގެ ސިޔާސީ ޙަޔާތުގައި މިފަދަ ބޮޑު ބަދަލެއް ގެނައި އެހެން ރައްޔިތަކު، ދިވެހި ރައްޔިތުން މެނުވީ މިފަހުގެ ދުނިޔެއަކު ނެތް. އެހެންކަމުން ނިމިގެން ދިޔަ އިންތިޚާބަކީ ދިވެހިރައްޔިތުންގެ ވަކިބަޔަކު މޮޅުވެ، ނޫނީ ގަދަވި އިންތިޚާބެކޭ ދަންނަވާ ހިތެއް ނެތް. މިއިންތިޚާބަކީ ދުނިޔޭގެ ޑިމޮކްރަސިއަށް ދިވެހިރައްޔިތުން ކުޅަ މިސާލެއް ނެތް ފަދަ ހަދިޔާއެއް. މިއިންތިޚާބްކީ ތަރައްޤިވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިވެހީން ދެއްކި ލާމަސީލު ނަމޫނާއެއް. އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. ހިފެހެއްޓުމެއް ނެތް ތާރީފު ރައްދުކުރަން. ޝުކުރިއްޔާ ދިވެހިރައްޔިތުން.
މިއިންތިޚާބުގައި އަޅުގަނޑުމެން ވަޢުދުވީ، ދިވެހި ރައްޔިތުންގެ ވެރިކަން، އެރައްޔިތުންނަށްޓަކައި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އޯގާތެރިކަމާއެކު ކޮށްދިނުމަށް. އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ކޮންމެ މީހަކު ވާންޖެހޭނީ އޯގާތެރި ހިތެއްގެ ވެރިޔަކަށް. ތެދުވެރިކަމުގެ މިސާލަކަށް. އަމާނާތްތެރިކަމުގެ ނަމޫނާއަކަށް.
އަޅުގަނޑު އެދުނީ މިނިވަންކަމަށް. އިސްލާމް ދީނުގެ އިމުގެ ތެރޭގައި އެމިހެއްގެ ޚިޔާލާއި ފިކުރު ފާލުގައި ހާމަކުރެވޭ ބަޔަކަށް ވުމަށް. ރުހުނީމާ އާނއެކޭ ބުނާ ފަދައިން، ނުރުހުނީމާ ނޫނެކޭ ބުނާނެ ރައްޔިތެއް އުފެއްދުމަށް. އެތައް ބައެއްގެ ޤުރުބާނީއާއި އެތައް ބުރަ މިންނެތް މަސައްކަތުން އެމިނިވަންކަމާއި ޖާގަ އަޅުގަނޑުމެން ހޯދީމު. އަދި އެހޯދި ޖާގައިގެ ތެރޭގައި ހިނގައި ދިޔަ ފުރަތަމަ އިންތިޚާބުގައިވެސް އަޅުގަނޑުމެން ދެކެން ބޭނުންވި ތަން މިވަނީ ފެނިފައި. ރުހުނީމާ އާނއެކޭ ބުނެ ނުރުހުނީމާ ނޫނެކޭ ބުނި މަންޒަރު މިވަނީ ފެނިފައި. އެހެންކަމުން މިއިންތިޚާބުގައި އަޅުގަނޑުމެންނަށް ވޯޓުދެއްވި ބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުމެންނަށް ވޯޓު ނުދެއްވާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ވިސްނުމަށް މަރުޙަބާ ކިޔަން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ޒަމާނުއްސުރެން ދިވެހީންގެ ދިރިއުޅުމުގެ ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ރަށުބަންދުގެ ޙާލަތު. އެހެންކަމުން ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން ރައްޖޭގެ ރަށްތައް ގުޅުވައިލުމުގެ މުހިންމު، ބޮޑު، އަދި ތާރީޚީ މަޝްރޫޢަކީ އަޅުގަނޑުމެންގެ ސަރުކާރުން ފުއްދާން ޖެހިފައިވާ ވަޢުދެއް. ފުރަތަމަ . . . . ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭ މަޝްރޫޢެއްގެ ގޮތުގައި މިއަންނަ . . . . . . . މަސް ހުސްވުމުގެ ކުރީން މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ރައްޖެއާ އަދި ބައިނަލް އަޤްވާމީ ފަރަތްތަކަށް ސަރުކާރުން ހުޅުވައިލާނެ. މިމަޗްރޫޢު ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއް، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލްވާނެ ގޮތަށް. އަދި މިމަޝްރޫޢު ރޭވިފައިވަނީ މުދަލާއި ފަސިންޖަރުން އުފުލުމުގެ ޚިދުމަތް މިހަރު ފޯރުކޮށްދެމުންދާ ފަރާތްތަކަށް ފުރުޞަތު ލިބިގެން ދާނެ ފަދަ ވިސްނުމާއެކު.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ދުވަހެއް ދުވަހަކަށް އުފުލި ބޮދުވަމުންދާ، މުދަލާއި ޚިދުމަތު އަގު ލާހިކުކޮށް، ދިރިއުޅުމުގެ އަގު ތިރިކުރުމަށް އަޅުގަނޑުމެން ވީ ވަޢުދު ފުއްދުމަށްޓަކައި ފުރަތަމަ އަޅަންޖެހިފައިވާ ފިޔަވަޅަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ބޭކާރުގޮތުގައި ސަރުކާރުން ކުރާ ވަގުތުން ވަގުތަށް ހުއްޓުމަކަށް ގެނެސް އޭގެ ފައިދަ ރައްޔިތުންނަށް ލިބިދިނުން. މިކަމށްޓަކައި ފުރަތަމަ އަޅާ ފިޔަވަޅުގެ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން، ރިޔާސީ ގަނޑުވަރު ތީމުގޭގައި އަޅުގަނޑު ދިރި ނޫޅޭނެކަން މިއަދު އިޢުލާނު ކުރަން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
މަސްވެރިކަމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާ އެހެނިހެން އިޤްތިޞާދި މަސައްކަތްތަކުގެ ދުވެލި ބާރުކޮށް، މިދާއިރާތްކުގައި ޙަރަކާތްތެރިވާ ދިވެހީންނަށް ލިބޭ އެއްޗެއް އިތުރުވާނެ އެންމެ ކައިރި އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން އަވަސްވެގަންނާނެ. މިގޮތުން ތެލުން ނެގޭ އިމްޕޯޓު ޑިއުޓީއަށް ބަދަލު ގެނައުމާއި، ތެލުގެ ވިޔަފާރި ހިންގުމަށް މިހާރު އޮތް އުސޫލު އިސްލާޙުކުރުމަކީ އޭގެ ހެޔޮ އަސަރު ދިވެހީންނަށް ފޯރާނެ ކަމެއްކަން ސަރުކަރުންވަނީ ދެނެގެންފައި. އަދި މިދެންނެވި ބަދަލު ސަރުކާރުން ގެނެސް، އޭގެ ނަފާ ދިވެހީންނަށް ލިއްބައި ދޭނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ދިވެހިރާއްޖެއަކީ ޢަދަދު ނުކުރެވޭނެ، ގިނަގުނަ ޢިނާޔަތްތާއި ނިޢުމަތްތައް ޤުދުރަތުން މިންވަރު ކުރައްވައިފައިވާ ޤައުމެއް. މިކަމށްޓަކައި ނިޢުމަތްތަކުގެ ވެރި ރަސްކަނލާގެ ޝުކުރުވެރިވަން. އަދި އެނިޢުމަތްތަކުގެ މަންފާ އެންމެ ދިވެހި ރައްޔިތުންނަށް ވާސިލުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއްކަމުގައި ޤަބޫލުކުރަން. ރައްޖެ އުފެދިފައި މިއޮތްތަނަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ކަނޑުގެ ރަސް އަނގޮޅިއެއް. އެހެންކަމުން އިރުމައްޗާއި ހުޅަނގަށް އުފުލޭ މުދަލުގެ ދިގު ރާސްތާ ކުރުކުރެވޭނެ ހުއްޓުންވަޅެއްކަމުގައި ދިވެހިރާއްޖެ ނުހެދެންވީ އެއްވެސް ސަބަބެއް ނެތް. ޓްރާންޝިޕްމަންޓު ބަނދަރުން، ރާއްޖެ މެދުވެރިކޮށް ދުނިޔެއަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު. އެކަމުގެ ސަބަބުން ދިވެހީންގެ ތަނަވަސްކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމަށް ދިރުން ލިއްބައިދޭނެކަން ސަރުކާރަށް ޔަޤީންވޭ. ވީމާ ބައިނަލް އަޤްވާމީ މަޝްރޫޢުތަކަށް ހުޅުވާލެވޭ މައި ދޮރޯއްޓެއް ކަމުގައި ދިވެހިރާއްޖެ ވެގެން ދިއުމަކީ ކައިރި މުސްތަޤުބަލެއްގައި ޢަމަލީ ސިފަ ގެންނާނެ ސަރުކާރުގެ މުހިންމު ސިޔާސަތެއް.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ސުނާމީގައި ގެދޮރު ގެއްލުނު މީހުންކުރެ ފަސްހަހެއްހައި ދިވެހި ރައްޔިތުން މިއަދުވެސް ދިރިއުޅެމުން އެދަނީ ވަގުތީ ހިޔަލުގެ ގަދަ ހޫނުގައި. ފޭލިގެއަށް އުފަންވި ޅަދަރީންގެ އުމުރުން ހަތަރު އަހަރު ވީއުރު އެނޫން ދުނިޔެއެއް އެކުދިންނަކަށް ނުފެނުނު. އެހެންކަމުން އެއެންމެން ވަގުތީ ނެރެ، އެމީހުންނަށް ދާއިމީ އުފާވެރި ހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅާ ލަނޑު ދަނޑިއަކީ އަންނަ އަހަރުގެ މިދުވަސް.
އޭގެ އިތުރަށް ރާއްޖޭގައި ލިބެން ހުރި ބިންތަކާއި، މުސްތަޤުބަލުގައި ލިބޭނެ ބިންތަކުގެ ބޭނުން ހިފާނީ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ހާސްކަން ނައްތައިލުމަށް. ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢާ، ރައްޔިތުން ބިންވެރިކުރުމުގެ ސިޔާސަތާއެކު މިމަޝްރޫޢަށް ބައިނަލް އަޤުވަމީ މަދަދާއި އެހީ، ހިފެހެއްޓުމެއް ނެތި ލިބޭނެކަމުގެ ފެހި ސިގުނަލް މިހާރުވެސް އަޅުގަނޑަށް ލިބިއްޖެ. މިކަމކީ ދިވެހީންގެ ދިރިއުޅުމަށް ފެހިކަމާއި، އާރޯކަން ގެނުވާނެ ކަމަކަށް ވީހިނދު، މިކަމަށް ބޭނުންވާ އިދާރީ ވަސީލަތްތަކާއި، ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމުގެ އިދާރީ މަސައްކަތް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ފެއްޓެވުމަށް ކަމާބެހޭ ވުޒާރާގެ ވަޒީރުގެ ޤާނޫނީ ހުވާކުރެއްވުމާއެކު މިއަދު އެމަނިކުފާނަށް އެވާހަކަ ދަންނަވާނަން. އަދި މިކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވުން އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ އަރިހުން އަޅުގަނޑު އެދެން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ދިމާވާ ޒަރޫރީ ޞިއްޙީ ފަރުވާއަށް އެދި އެއްވެސް ރައްޔިތަކު ސަލަންޖަހާން ޖެހުމަކީ ސަރުކާރެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެ ލަދުވެތިވާނެ އެއްކަންތައް. އެހެންކަމުން ކުރިއަށް އޮތް ބާރަ މަސްދުވަހުން ފެށިގެން ތިރީސް ހަމަސް ހަމަވުމުގެ ކުރިން މިމަޝްރޫޢު އިރާދަކުރެއްވިއްޔާ ފުރިހަމަވެގެން ދާނެ. އެއީ ޢަދުލުވެރި ހެލްތު އިންޝުއަރެންސް، ސްކީމެއްގެ ޙިމާޔަތުގައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ ޒަރޫރީ ޞިއްޙީ ފަރުވާ ލިބޭނެ ސްކީމެއް. އަދި ކުއްލި ޙާލަތުގައި ބަލި މީހާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރެވޭނެ ނިޒާމު ޤާއިމުކުރެވޭނެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލް އަޤުވާމީ ފެންވަރުގެ ހޮސްޕިޓާތައް ޤާއިމުކުރުމުގެ ސިޔާސަތު ވަނީ އެކަށައެޅިފައި. އެހެން ދާއިރާތަކެކޭ އެއްފަދައިން، ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ތަމްރީނާ ހުނަރު ލިއްބައި ދިނުމުގެ ފުރުސަތު ހޯދައިދެވޭނެ. އާއިލާއާ ގާތުގައި ވަޒީފާ އަދާކޮށްގެން ދިރިއުޅެވޭނެ ފުރުސަތު ފަހިކުރުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
މައިން ބަފައިންގެބަހުން، ނުވަތަ މައިވަންތަ ޤައުމުގެ ދުލުން ބުނިކަމުގައި ވިޔަސް، ބުނާން އޮތް ޙަޤީޤަތަކީ ތިންދަރިންކުރެ އެއްދަރި ވަނީ މަސްތުވާތަކެތީގެ ވަބާގައިޖެހި ގެއްލި، ނިމިގޮސްފައިކަމަށް.
މިޤައުމުގެ ކޮންމެ ތިންޒުވާނަކުން އެކަކު، މިޤައުމަށް ގެއްލިފައި ވާކަމީ ޤައުމީ ހިތާމައެއް. އިންސާނީ މުސީބާތެއް.
ހިނގާ ބިނގާވެ އުޅޭ މައްޔިތުންގެ ގޮތުގައި އަމިއްލަ ދަރިން ގޮވައިގެން، ޤައުމު އާރާސްތުކުރަން ޖެހިފައި ވާކަމީ ދިވެހި އެންމެ ރައްޔިތުން އުފުލަންޖެހިފައިވާ ބުރަ މަސްއޫލިއްޔަތެއް. އެއީ ރާއްޖޭގެ މުސްތަޤުބަލުގެ ނިޔާމަ ދަތުރަށް ނަގާ ބޯމަތިވެފައިވާ ކޮޅިގަނޑެއް. މާދަމާ މިޤައުމު ކޮނޑު އަޅައިގެން ތެދުވަންތިބި ޒުވާނުންގެ މުލައްދަނޑިން މިއަދު ވަރު ދޫވެފައިވާތަން ބަލަން ތިބެވޭކަށް ނެތް. ފައެއް ޤުރުބާންކޮށް، ބޯވަގެ ހަރު އެސޮރު ލިބިގަންނަ ބީދައިން ނަމަވެސް މިވަބާއިން އެޒުވާނުން ސަލާމަތްކުރަން، ކުރެވެން ހުރި ކޮންމެ މަސައްކަތެއް މިއަދު މިވަނީ ކުރާން ޖެހިފައި. މިކަމަށްޓަކައި ސަރުކާރުން ގެންގުޅޭނެ އުސޫލު ބެހެނީ މައިގަނޑު ދެބަޔަކަށް. ފުރަތަމަ ބަޔަކީ މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތަކުގައި ފާރަވެރިވުން ވަރުގަދަކޮށް، ކުރިމަތިވެފައިވާ ހުރަސްތައް ފޫއަޅުވައިލުމުގެ ޤާނޫނީ ބާރާއި، ވިސްނުމާއި، ޙިކުމަތާ ހިތްވަރުން އެކަން ކާމިޔާބުކުރުން. ދެވަނަ ބަޔަކީ މިވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، ރަޙުމާއި ކުލުނާއި އޯގާތެރިކަމާއެކު މުޢާމަލާތުކޮށް، ރާއްޖޭގެ އިންސާނީ ރައުސްމާލުގެ ޖަމާގެތެރެއަށް އެޒުވާނުން އަނބުރާ ގެނައުން. އެހެންކަމުން މިދެބައިގެ މަސައްކަތް ދުވަހުން ދުވަހަށް ބަލައި، ހަމަ މަގުން ގެންދިއުމަށްޓަކައި ތަންޒީމުކުރެވޭ އިދާރީ ބާރެއް ކުރިއަށް އޮތް ހަތްދުވަހުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ޤައިމުކުރެވޭނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
މިދެންނެވި ފަސް ވަޢުދާ އެކު ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލު މިވީ މައިގަނޑު ތިންބައެއްގެ މައްޗަށް ބަހާލެވިފައިވާ ޖުމުލަ އަށާވީސް ދާއިރާއަކުން ސިޔާސަތު އެކަށަ އެޅުމަށްފަހު. މިއެންމެހައި ސިޔާސަތުތައް ބައްޓަންކުރެވިފައި ވަނީ މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ކަންކޮޅުތަކުން، ތަފާތު ފަންތީގެ ރައްޔިތުންގެ އަޑުއަހައި، އެބައި މީހުން އެންމެ ކަންބޮޑުވާ ކަންތައްތަކަށް އިސްކަން ދީގެން.
އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ފަތުރުވެރިކަމާއި، މަސްވެރިކަމާއި ދަނޑުވެރިން، އަދި މެދުފަންތިއާ ކުދި ވިޔަފާރި އުފެދި، ހެދި ބޮޑުވެ ކުރިއަރައި ދިއުމަށް ސަރުކާރުން ޖާގަދޭނެ. ވަޒިފާގެ ޙައްޤުތައް ޙިމާޔަތްކޮށް، ފުރުސަތު ފުޅާކުރެވޭނެ. ތިމާވެށްޓާ، ބިމާ، ފެނާ، ނަރުދަމާ އާއި ހަކަތައިގެ ސިޔާސަތު އިރާދަކުރެއްވިއްޔާ ވެގެން ދާނީ ޤައުމުގެ ތަރައްޤީއަށް ހަކަތަ ލިއްބައި ދެނިވި ސިޔާސަތަކަށް. އަދި ސައިންސާއި ޓެކްނޮލޮޖީއަށް ލޯހުޅުވިފައިވާ ރައްޔިތަކު އުފެއްދުމަށް އަޅުގަނޑު އިސްކަންދެން. އަންހެނުންނާ ކުޑަކުދިންނަށް ކުރިމަތިކުރުވާ ނަފުސާނީ، ޖިސްމާނީ، އަދި ޚާއްސަކޮށް ޖިންސީ ހާނިއްކައަށް ފާރަވެރިވެ އެކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅާނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ތަސައްރަފު ނުފުދޭ ޔަތީމު، އަދި މިސްކީނު ކުދިންނާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ، އަޅައިލާނެ އެހީތެރިން ނެތް މީހުންނަށް އަޅައިލާ އޯގާތެރި ސަރުކާރުގެ ބިންގާ މިރާއްޖޭގައި ދެމެހެއްޓެނެވި ގޮތުގައި އަޅާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން.
ރައްޖޭގައި ހެޔޮ ވެރިކަމުގެ ސޫރަ އާއި ރޫޙު އަށަގަންނުވައި، ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމަށްޓަކައި ރައްޔިތުންގެ ބާރު ރައްޔިތުންނަށް ލިބިދިނުމުގެ ޙައްޤު ތަންފީޒު ކުރެވޭނެ. އަދި ސަރުކާރު ހިނގަމުން ދަނީ ރައްޔިތުންގެ ވިންދުންކަމަށް ހަދައި، ހަމަހަމަ ކަމާއި އިންސާފު ޤާއިމުކުރުމަކީ ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ބިންގާކަން ޢަމަލުން ސާބިތުކޮށްދެވޭނެ. އެހައިރުން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ވެގެން ދާނީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތާއި، މިނިވަންކަމާއި، އިސްތިޤްލާލާ ސިޔާދަތު ސިޔާދަތު ދަމަހައްޓާނެ ސިޔާސަތެއްކަމުގައި. އަދި އެއީ ދިވެހިވަންތަކަމާއި ޤައުމީ މަޞްލަޙަތު ކަށަވަރުކޮށްދޭ ސިޔާސަތެއް ކަމުގައި އިރާދަކުރެއްވިއްޔާ ވެގެން ދާނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
އިޖުތިމާޢީ އިންސާފު ހަރުދަނާ ބިންގަލެއް މަތީގައި ދެމެހެއްޓުމަށްޓަކައި މަޢުލޫމާތާއި ސަޤާފަތާއި ފަންނުވެރިކަމަށް ދިވެހިންގެ އަހުލުވެރިކަން އިތުރުކޮށް، އާއިލާތައް ބަދަހިކުރުމަށް ބާރު އަޅާނަން. އިޖުތިމާޢީ އަދި ސިޔާސީ ދާއިރާގައި ހަމަހަމަކަމާއެކު ޙަރަކާތްތެރިވުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށް، ޒުވާނުންނާއި، ކުޅިވަރު ކުރިއެރުމަށް ޖާގަ ދެވޭނެ. ތަޢުލީމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ހުއްޓުމެއް ނެތި ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
މީހެއްގެ މުޅި ޙަޔާތް އެޤައުމަކަށް ހޭދަކުރެވޭ ޤައުމަކީ، އެމިހާގެ ޙަޔާތުގެ ފަހު ދުވަސްތައް އަބުރުވެރިކަމާއި، ހިތްހަމަޖެހުމާއި، މަސަލަސްކަން އެމީހަކަށް ލިއްބައިދޭ ޤައުމަކަށް ވާންޖެހޭނެ.
ރާއްޖޭގެ އިޤްތިޞާދު މިވަނީ ފުންމިން ވަޒަންކުރަން ދަތި އަނދިރިކަމެއްގެ ތެރޭގައި. އެހެންކަމާއެކުވެސް އުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މަދުވެގެން މަހަކު -/1000ރު. އަންނަ ޖެނުއަރީ މަހުން ފެށިގެން ދިނުމަށް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ސަރުކާރު ހުޅުވޭ ދުވަހު ރަސްމީކޮށް އަޅުގަނޑު ދަންނަވާނަން. ޙާލަތު ނިޔާކުރާ ގޮތުން މިވަގުތު ދެވޭ ޕެންޝަނަކީ މަހަކު އެއްހާސްކަމުގައި ވިޔަސް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެއަދަދު ދެގުނައަށް ވުރެ މައްޗަށް ޖެހޭނެކަމަށް އުންމީދުކުރެވޭ.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން، ދިވެހި ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޤާނޫނީ ހުވާ އަޅުގަނޑު މިކުރީ މިމަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އެނގިހުރެ.
ވެރިކަމުގެ ޝަރަފާ އެކަމުން ލިބިދޭ ޢިއްޒަތާ ލައްޒަތަކީ ދާދި އަވަހަށް އިންސާނާ މަގުން ކަސިޔާރުވެ، މާއްދިއްޔަތުގެ އޮއިވަރުގައި ޖެހި ގެއްލި، ބެހިގެންދާ ކަމެއްކަން އަޅުގަނޑު ދަންނަން. ވެރިކަމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ބުރަކަން އިޙްސާސް ވެ ހުރެ، ރައްޔިތުންގެ ޙައްޤުތަކަށް ބިރުވެތިވުމުގެ ސިފަ އަޅުގަނޑުގައި ލެހެއްޓެވުން އެދެން.
ހެޔޮ ކޮންމެ ކަމެއްގައި ތިޔަ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަޅުގަނޑަށް ދެއްވުން އެދެން. ހަމަޔާއި އިންސާފުގެ މަގުން އެއްކިބާ ވިޔަ ނުދީ އަޅުގަނޑަށް ވާގިވެރިވެ ދެއްވުން ތިޔަ އެންމެތަކުންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު އެދެން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.
އިންތިޚާބުގެ ކާމިޔާބީއަކީ ރަސްމިއްޔާތުތަކާއި ކުލަ ބޮކީގެ ހަފުލާތަކުގެ މަސްތުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދުތަކާއި، ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ މަތިން ހަނދުމަނެތިކުރާން އޮތް ބަހަނާއެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތިގައިވާ ގޮންޖެހުންތައް ކިތަންމެހައިވެސް ބޮޑު. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. މިހުރަސްތައް ގިރާކޮށް، ޤައުމު އާރާސްތުކުރުމަށް އެންމެ ރައްޔިތުންމެ ތެދުވާން މިވަނީ ޖެހިފައި.
އަޅުގަނދުގެ ދުޢާއަކީ އަޅުގަނޑުމެންގެ ބޯމަތިންނާއި ފައިތިލަތަކުގެ ދަށުން އިލާހީ ރަޙުމަތާއި ބަރަކާތާއި، ނިޢުމަތް މިންވަރުކުރައްވައި އަބަދަށްޓަކައި ބާއްޖަވެރިކަމާއި ފާގަތިކަމުގެ ރާއްޖެއެއްކަމުގައި ދިވެހިރާއްޖެ ލެއްވުން.
އާމީން! ވައްސަލާމް ޢަލައިކުމް

